ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ފުލުހުން ވަނީ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ.
މި މީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އޭނާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފުލުހުން ވަނީ މި މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ފާހަގަކޮށްފައެވެ.
އޭނާގެ ބަންދު އަމުރުގައި މި މީހާ ރާއްޖެ އައިއިރު ގެނައި ދެ ލަގެޖުގެ އަތްގަނޑުގެ ދަށަށްވާ ގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިން 109 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކަސްޓަމްސްއިން މި ތަކެތި ތަހުލީލުކުރުމުން، އެއީ ހެރޮއިންކަން ވަނީ ކަށަވަރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިއާއިއެކު އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގައި ގާޟީ ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.




