ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގައި ހިމެނޭ އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، އެ ޕާޓީގެ ކައުންސިލު މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ އިތުރުން އެ ޕާޓީގެ މެންބަރު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދާއި އެމްޑީޕީގައި ކުރިން އިސް ދައުރެއް އާދަކުރަމުން ދިޔަ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)، އެ ޕާޓީ ދޫކޮށް އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އަމްރު އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފައިވާކަން އެޕާޓީން ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އަދި ދެންތިބި ތިން މެންބަރުން ވެސް އިއްޔެ އެ ޕާޓީއަށް ސޮއިމ ކުރައްވާފައިވާކަން އެކި މަސްދަރުތަކުން ވަނީ ޔަގީންވެފައެވެ.
ބައެއް ފަރާތްތަކުން އެކި މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހަތަރު ބޭފުޅުން ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް އަލުން ގުޅިވަޑައިގެންފައިވާކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެއެވެ. އަދި އެބޭފުޅުން ޕާޓީ ބަދަލުކުރައްވަން ނިންމެވީ، ސިޔާސީ ހަރަކާތްތަލުގައި ރަނގަޅު ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވަން ކަމުގައިވެސް ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.
ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް އަލުން ގުޅިވަޑައިގަންނަވާ މި ހަތަރު ބޭފުޅުންގެ ތެރެއިން އަލީ އާޒިމްއަކީ ކުރިން އެ ޕާޓީން ވަކިކޮށްފައިވާ ބޭފުޅެކެވެ. އަލީ އާޒިމް އެމްޑީޕީން ވަކިކުރީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ”ފޯޅަވަހި ކޯލިޝަން“ގެ ބައްދަލުވުންތަކާއި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އާއި އޭރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމާ ގުޅިގެންނެވެ.




