މިއީ މީގެ 100 އަހަރު ކުރިން 12 ޖެނުއަރީ 1925 ވަނަ އަހަރު ބޮމްބޭ (މިހާރުގެ މުމްބައި) ގައި ހިނގި ހާދިސާއެކެވެ.
އިންޑިއާގައި އިނގިރޭސިން ވެރިކަން ކުރިއިރު ހިނގި މި ގަތުލާއި ބެހޭގޮތުން އެންމެންވެސް ހީކުރީ މިއީ ހަމަ އާދައިގެ ގަތުލެއް ކަމަށެވެ. ނަމަވެސް އެއިރުގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުލް ކާދިރް ބައުލާ (25އ.) މަރާލުމުގެ އަސްލު ސަބަބު ފަހުން ހާމަވުމުން އެތައް ބަޔަކު އެކަމާ ހައިރާންވިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ބައުލާއާއި އޭނާގެ ބައިވެރިޔާ މުމްތާޒް ބޭގަމް، އިތުރު ތިން މީހަކާއެކު ދަތުރުކުރީ މަލާބާރް ހިލްއިންނެވެ. ކުއްލިއަކަށް ފެނުނީ ހަތިޔާރާއެކު އައި ބަޔަކު ބައުލާމެން ދުއްވަން އިން ކާރު ހުއްޓުވާ، އެ ކާރުގައި ތިބި ތިން މީހުންނާ، ބައުލާގެ ގަޔަށް ވެސް ބަޑިޖަހާ މަރާލި މަންޒަރެވެ.
ނަސީބު ދިމާކުރި ގޮތުން އެއިރު މާދުރު ނޫން ހިސާބެއްގައި ސިފައިންގެ ބަޔަކު ޓްރެއިންގަކަށް ގޮސް ތިއްބެވެ. އަދި ބަޑީގެ އަޑު އިވުމާއެކު އެމީހުން އެތަނަށް ދިޔުމަށް އަވަސްވެގަތެވެ. އެއިރު ހަމަލާދިން މީހުން މަސައްކަތް ކުރަމުން ދިޔައީ މުމްތާޒް ބޭގަމް ކާރަށް ލައިގެން އެމީހުންނާއެކު ގެންދިޔުމަށެވެ. ނަމަވެސް ސިފައިންގެ މީހުން އޭނާ ސަލާމަތް ކުރިއެވެ.
މި ގަތުލާ ބެހޭގޮތުން އިތުރަށް ތަހުގީގު ކުރުމުން އެނގުނީ، މުމްތާޒް ބޭގަމްއަކީ އެއިރު އިންދޯރުގެ ހިންދޫ ރަސްގެފާނެއް ކަމަށްވާ މަހާރާޖާ ޓުކޯޖީ އާއެކު ހަރެމްއެއްގައި އުޅުނު މީހެއް ކަމެވެ. އޭނާ ހުރީ އެ ރަސްގެފާނުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައެވެ. ގާތްތިމާގެ މީހަކާ ބައްދަލުކުރަންވެސް ގަނޑުވަރުން ބޭރަކަށް ނުދެވޭ ކަމަށް މުމްތާޒް ބަޔާން ދީފައިވެއެވެ.
”އާއިލާއިން މީހަކު އަހަންނާ ބައްދަލުކުރަން ބޭނުންނަމަ އެމީހުން ގަނޑުވަރަށް އަންނަން ޖެހެނީ. އެކަމަކު އެއިރުންވެސް ބައްދަލު ކުރެވެނީ ގަނޑުވަރުގެ ސެކިއުރިޓީ މީހެއްގެ ހާޒިރުގަ“ މުމްތާޒް ބުނެފައިވެއެވެ.
މަހާރާޖާ އޭނާ ބަންދުކޮށްގެން ގެންގުޅުނީ މުމްތާޒްގެ ރީތިކަމުން، އެހެން މީހަކަށް އޭނާ ލިބުނަ ނުދޭން ކަމުގައި ބުނިކަމަށް ވެސް އޭނާ ބުންޏެވެ. މަހާރާޖާ އޭނާއާ ކައިވެނިވެސް ނުކޮށް އޭނާއާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ވެސް މުމްތާޒްގެ ވާހަކައިގައި ބުންޏެވެ. އެކަމުގެ ސަބަބުން އޭނާ މާބަނޑުވި ކަމަށާއި ނަމަވެސް މުމްތާޒްއަށް އަންހެން ދަރިއެއް ލިބުމުން، އެ ތުއްތު ކުއްޖާ މަރާލި ކަމަށް ވެސް ބުންޏެވެ. އެދުވަސްވަރަކީ އިންޑިއާގައި އަންހެން ދަރިން އެންމެ ގިނައިން މެރި ދުވަސްކޮޅުކަން ވެސް ފާހަގަކޮށްލެވެއެވެ.
މުމްތާޒްގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުން ކަމަށް އޭނާ ބުންޏެވެ. ކޮންމެވެސް ގޮތަކުން ހަރެމްއިން ފިލައިގެން އޭނާ ފުރަތަމަ ދިޔައީ އަމްރިތުސަރަށެވެ. ނަމަވެސް އެތަނަށް މަހާރާޖާގެ މީހުން އޭނާ ހޯދަން ގޮސްފިކަން އެނގުމުން އެތަނުން ވެސް ފިލައިގެން ދެން ދިޔައީ މަލާބާރަށް ކަމަށާއި ބައުލާއާ ދިމާވީ އެހިސާބުން ކަމުގައި ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ހިންގި ތަހުގީގުން މިކަމަކީ އިންދޯރުގައި ރޭވި ރޭވުމެއްކަން ވަނީ ސާބިތުވެފައެވެ. އަދި ހަމަލާދިން މީހުންގެ ތެރެއިން ތިން މީހަކަށް މަރުގެ ހުކުމްވެސް އިއްވިއެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ސީދާ މަހާރާޖާގެ އަތެއްވާކަން ސާބިތު ނުވުމުން އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ.
އެހެންނަމަވެސް އާންމުންގެ ކަންބޮޑުވުމާ ނުރުހުން އިންތިހާއަށް ލިބުމުން، މަހާރާޖާ ވަނީ ރަސްކަމުން އިސްތިއުފާދީ ތަހުތު އޭނާގެ ފިރިހެން ދަރިފުޅާ ހަވާލުކޮށްފައެވެ. އަދި އެމެރިކާއަށް ނިސްބަތްވާ އަންހެނަކާ އޭނާ ފަހުން ކައިވެނިކުރިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މުމްތާޒް ބޭގަމް ފަހުން ވަނީ އިންޑިއާ ދޫކޮށް ހޮލީވުޑަށް ބަދަލުވެފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.



