ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިވަގުތު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސޮއިކޮށްފައިވާ މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ވަޒީރު ޝަހީމް ސޮއިކޮށްފައިވާއިރު ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޙައްޖާއި ޢުމްރާއާބެހޭ ވުޒާރާގެ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަރްރަބީޢާއެވެ.
މި އެއްބަސްވުމުގެ ދަށުން ޙައްޖު މޫސުމުގައި ޚައްޖާއިބެހޭ އެކިއެކި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ހިމެނޭނެއެވެ. މީގެ ތެރޭގައި ޙައްޖުގެ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމުތަކާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ޚިދުމަތް ދޭންޖެހޭނެ މިންގަނޑުތަކާއި، ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމުކުރުންފަދަ މުހިންމު ބައިތައް ހިމެނެއެވެ.
ކޮންމެ އަހަރެއްގެ ޙައްޖު މަހާ ދިމާކޮށް މިފަދަ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ސޮއިކުރެވެއެވެ. މިއީ ދިވެހިރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ވެވޭ އެއްބަސްވުމެކެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން ވަޒީރު ޝަހީމް ވަނީ ސަޢުދީގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވައި ޢުމްރާގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ޚާދިމުލް ޙަރަމައިން އަލްމަލިކު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވަޒީރު ޝަހީމް ޝުކުރު ދަންނަވާފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގަންނަވާ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްވެސް ފާހަގަކުރައްވައި، އެކަމަށް ވެސް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.


