މާދަމާއިން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ލިބިފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ޚާއްސަ ކާރިސާ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވެ، ވިއްސާރަވެދާނެ ކަމަށް މޫސުމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވާތީ އެކައުންސިލުން ވަނީ ދުރާލާ އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް މިހާރު ފަށާފައެވެ.
އެގޮތުން މިހާރު އެކައުންސިލުން ޚާއްސަ ކާރިސާ ކޮމިޓީއެއް އުފައްދައިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މީގެއިތުރުން، ކައުސިލުން ވަނީ އެންމެ ބޮޑަށް ފެން ވަންނަކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގައި ވެލިބަސްތާޖެހުމުގެ މަސައްކަތް ވެސް މިރޭ ފަށާފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާތީވެ، މި ކޮޅިގަނޑު ހުޅަނގަށް ޖެހުމާ ގުޅިގެން ރާއްޖޭގެ ސަރަޙައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުޞަތު އިތުރުވެފައިވާކަމަށް ލަފާކުރެވެއެވެ.
އެއިދާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް ވިއްސާރަ ކުރާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ގުގުރުމުގެ ފުރުޞަތު އޮތްކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.
އާންމު ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ އިތުރުން، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުޞަތު އޮތްކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވަނީ އިންޒާރު ދެއްވާފައެވެ.
މި ޙާލަތާ ގުޅިގެން، އެއިދާރާއިން ވަނީ އެންމެފަހުގެ މޫސުމީ މަޢުލޫމާތާއި އިންޒާރުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް، ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިޔާލައި އެޅުމަށް ރައްޔިތުންނަށް ގޮވާލައިފައެވެ.



