އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި 100 ދުވަހުގެ ތެރޭގައި ޣައްޒާގެ 5،000 މީހުން މަރާލައިފި ކަމަށް ރިކޯޑު ކުރެވިއްޖެއެވެ.
އަލް ޖަޒީރާއިް ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ރައްޔިތުންނެއްވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި އެމީހުން ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެމީހުން ވެސް މަރުވެފައިވާ ކަމަށް މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގެ އުތުރު ސަރަހައްދަށް ދިން ހަމަލާގައި 9،500 ފަލަސްތީނު ރައްޔިތުން ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.
ޣައްޒާގެ ދައުލަތުގެ މީޑިއާއިން މި ހަމަލާތައް ސިފަކޮށްފައިވަނީ ފަހުގެ ތާރީޚެއްގައި މިހާތަނަށް ހިނގަމުންދާ އެންމެ ނުރައްކާތެރި އަދި އަނިޔާވެރި ހަނގުރާމައިގެ ގޮތުގައެވެ. އަދި މިއީ ޣައްޒާގެ ނަން ދުނިޔެއިން ފުހޮލައި، އެ ޤައުމު އެއްކޮށް ނައްތާލުމަށް އިޒްރޭލުން ހިންގާ އަމަލުތަކެއް ކަމުގައި ވެސް ބުނެފައިވެއެވެ.
އަލްޖަޒީރާގެ ރިޕޯޓަރެއް ކަމުގައިވާ ޚިންދު ޚޫދަރީ ޣައްޒާގެ ދީރުލް ބަލާހްގައި ހުރެ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަވަށަކީ މިހާރު ފަޅު އަވަށެއްފަދަ ތަނެކެވެ. އެތަނުގައި އެއްވެސް ދިރިމެއް ހުރިކަމަކަށް ނުފެނެއެވެ. އިމާރާތްތައް ވެއްޓިފައި ހުރި މަންޒަރުތަކާއި ދުންތަކުން މުޅި އަވަށް ވަނީ ފުރާލާފައި ކަމަށް ޚިންދު ބުނެފައިވެއެވެ. ނަމަވެސް އެތަނުގައި އަދިވެސް ވަރަށް މަދުމީސްކޮޅެއް ހުރިކަމަށާއި އެމީހުން އެތަން ދޫކޯށްފައި ދާން ދެކޮޅު ހަދާ ކަމަށް ވެސް ބުނެފައިވެއެވެ.




