ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވާ ކަމަށް ބެލެވޭ މާލޭގެ ނާޒުކު 56 ގެއެއްގައި ވެލިބަސްތާ ޖަހައިފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވާ ކަމަށް ބެލެވޭ މާލޭގެ ނާޒުކު 56 ގެއެއްގައި މާލޭސިޓީ ކައުންސިލުން ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ.
ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށްޖެހި ރާއްޖޭގެ ސަރަޚައްދުގައި ބޯވިއްސާރަވިލާ އުފެދި 13 ޖަނަވަރީ އިން ފެށިގެން 18 ޖަނަވަރީ 2025 އާއި ހަމަޔަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށްވޭރޭވެހި، ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ލަފާ ކޮށްފައެވެ.
މިކަމާ ގުޅިގެން އެންޑީއެމްއޭ އިން އިއްޔެ ވަނީ މޫސުމަށް ރައްކާތެރިވާނެ އިރުޝާދުތަކެއް ވެސް ނެރިފައެވެ.
އެގޮތުން އެންޑީއެމްއޭ އިން ބުނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށާއި މިގޮތުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ތިރީގައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
- ފެންބޮޑުވާ ސަރަޚައްދު ތަކުގައި ސައިކަލްފަދަ ތަކެތި ޕާކު ނުކުރުން
- ފިހާރާ، ގުދަން، ރެސްޓޯރަންޓް އަދިވެސް އަގު ބޮޑެތި މުދާ ރައްކާކުރެވިފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
- ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި އަދި ހިފާގެންގުޅޭތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
- ވައިގަދަވާނެ ކަމަށް ސަމާލުވެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުން. މިގޮތުން ޚާއްޞަކޮށް ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން.
- ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުން. އަދި ދަތުރަށް ފެށުމުގެ ކުރިން މުވާސަލާތީ ވަޞީލަތްތަކާއި ސަލާމަތީ އާލާތްތައް ހުރިކަން ކަށަވަރުކުރުން
- ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުން.
- ޚާއްޞަކޮށް މާލޭގައި،ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުން.




