އާންމު ރައްޔިތުންގެ ޒާތީ މައުލުމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، އޮޅުވާލައިގެން ވެރިކަން ކުރާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފިއެވެ.
“ އެންމެ ފަހުން މިއެނގުނީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރުވެސް އޮޅުވާޅައިގެން ޕީއެންސީއަށް ވެއްދި ވާޙަކަ “ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވިއެވެ.
އެމެޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާއަށް ވާދަކޮށް، ހޮވިވަޑައިގެންނެވި މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަމަށް އޭނާ މިއަދު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ސޯލިހު ވަނީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އެބަ އަދާ ކުރޭތޯ ސުވާލު އުފައްދަވާފައެވެ. ސޯލިހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާނަ އެބަ ޖެހޭ ކަމަށެވެ.
މެމްބަރު ފިއްޓޭ ޕީއެންސީއަށް ވެއްދި މައްސަލައާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނީ ފިއްޓޭ ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވަނީ އޭނާއަށް ނޭނގި ކަމަށެވެ. އަދި މިކަމާ ގުޅިގެން އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް ބާއްވައި، މެމްބަރު ފިއްޓޭ އަލުން އަނބުރާ އެމްޑީޕީއަށް ބަދަލުކޮށްފައިވާ ކަމަށް އިލެކްޝަންސް އިން ބުނެފައިވެއެވެ.
މެމްބަރު ފިއްޓޭގެ ނަމުގައި ވަގު ފޯމެއް ފުރާ ޕީއެންސީއަށް ވެއްދި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގު ކުރުމަށް އިދިކޮޅު އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.
އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައިނުވާ އެ ޕާޓީގެ އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންވެސް ޕީއެންސީއަށް ވައްދާފައިވާތީ އެކަން އިލެކްޝަންސް ކޮމިޝަންސްގެ ސަމާލު ކަމަށް މީގެ ކުރިންވެސް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން، ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއްލައްކަ މެމްބަރުން ހަމަ ކުރުމަށް ކަމަށް ބުނެ، އާންމު ރައްޔިތުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް އިލެކްޝަންސްގައި އެދިފައިވާ ކަމަށްވެސް އެމްޑީޕީއިން ނެރުނު ބަޔާނުގައި އެ ޕާޓީއިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ޤާނޫނު ބުނާގޮތުން، މެމްބަރަކު، އެ މެމްބަރަކު މަޖިލީހަށް ހޮވޭ ޕާޓީ ބަދަލުކުރުމުން، މެމްބަރުކަމުން އިސްތިއުފާދޭން ޖެހޭނެއެވެ.
އޭގެ ފަހުން މި ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހުކޮށްފައެވެ.
އެހެންނަމަވެސް ވައިކަރަދޫ ދާއިރާގެ މެމްބަރު ފިއްޓޭ ގެ ގޮނޑި ގެއްލޭ ފަދަ ހާލަތެއް މެދުވެރިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ. ސަބަބަކީ ފިއްޓޭ ޕީއެންސީއަށް ވައްދާފައި އޮތީ އޭނާ އަމިއްލައަށް ބޭނުންވެގެން ނޫން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފައިވެއެވެ.



