ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ޤާބިލިއްޔަތު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 17 މެގަވޮޓަށް އިތުރުވެފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ އެސެމްބްލީގެ 15 ވަނަ ސެޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިޤު ވިދާޅުވީރާއްޖޭގައި ޤާއިމުކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ޤާބިލިއްޔަތު މިހާރު 70 މެގަވޮޓަށް އަރާފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށެވެ.
މީގެ އިތުރުން، 170 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކެއް މިހާރުވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމަށެވެ.
ހަމައެއާއިއެކު ދުނިޔޭގެ ޤައުމުތަކުން އެއްބަސްވެފައިވާ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



