ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯ އިން ބުނީ، މިއަދުން ފެށިގެން 18 ޖަނަވަރީ 2025 ގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ނެރެފައިވާ ބަޔާނާއި ގުޅިގެން، ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް ދުރާލައި ފިޔަވަޅުއެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.
މި ޙާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ހަމަ މިއާއިއެކު އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް އެކުންފުނީގެ މުވައްޒަފުން ތިބޭނީ ތައްޔާރަށްކަމަށް ސްޓެލްކޯ އިން ބުންޏެވެ.



