މޫސުން ގޯސްވެގެން ދިމާވެދާނެ ހާލަތަކަށް ފެނަކަ ކޯޕަރޭޝަނުން ވެސް ތައްޔާރަށް އޮތް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ބޭ އޮފް ބެންގާލް ކައިރިން ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު ރާއްޖެއާ ދިމާލަށް ދަތުރު ކޮށްފައިވާތީ މިއަދުން ފެށިގެން 18 ޖެނުއަރީ އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން މޫސުން ގޯސްވެދާނެތީ، އެކަމަށް ތައްޔާރުވެ ރައްކާތެރިވުމަށްޓަކައި ކަމާބެހޭ މުއައްސަސާތައް ގުޅިގެން މިހާރުން ފެށިގެން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
މިކަމާ ގުޅޭގޮތުން ފެނަކަ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގެ މަތިން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެތީ، ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވުމަށް ފެނަކައިގެ ބްރާންޗުތަކުގައި އެކުލަވާލެވިފައިވާ ކުއްލި ހާލަތްތަކަށް އިޖާބަދޭ ޓީމުތައް ރަށްރަށުގައި ހަރަކާތްތެރިވާ މުއައްސަސާތަކާ ގުޅިގެން ހަރަކާތްތެރިވުމަށް ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.
އެގޮތުން ފެނަކައިން ޚިދުމަތްދޭ 151 ރަށުގައި މިހާރު އެ ޓީމުތައް އެކުލަވާލާފައިވާ ކަމަށާއި އެ ޓީމުތަކުގައި ޖުމްލަ 2311 މެންބަރުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ފެނަކައިން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަނުން ޚާއްސަ އަހައްމިއްޔަތުކަމެއްދޭ ކަމެއް ކަމަށެވެ.



