ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރުމަށް ހުށަހަޅާފައިވާ ފޯމު ބާޠިލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފޯމު ބާޠިލުކޮށްފައިވާ ކަމަށާއި މި ކަމާ ގުޅިގެން ފިއްޓޭގެ މެންބަރޝިޕްގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
މީގެއިތުރުން، ފިއްޓޭއަށް ނޭނގި ޕާޓީ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާތީ، މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ ކުރިން ވެސް ފިއްޓޭއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމެވެ. އޭރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައެވެ.



