އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި އެ މަނިކުފާނުގެ ވަފުދަށް މަރުޙަބާ ދަންނަވައިފިއެވެ.
ވެރިރަށް ޓެލިންގައި ހުންނަ ރިޔާސީ ގަނޑުވަރުގައި މިއަދު މެންދުރުފަހު ރައީސް މުޢިއްޒަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު ފެށުނީ ދެ ޤައުމުގެ ޤައުމީ ސަލާމުންނެވެ. އެސްޓޯނިއާގެ އަސްކަރިއްޔާއިން ކުޅުނު މި ސަލާމަށްފަހު، ދެ ރައީސުން ވަނީ ޝަރަފުގެ ގާޑް އިންސްޕެކްޓް ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، އެސްޓޯނިއާގެ އިއްޒަތްތެރިންނާ ރައީސް މުޢިއްޒު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ދިވެހި ވަފުދުގެ މެންބަރުން ރައީސް ކަރިސްއަށް ތަޢާރަފުކޮށްދެއްވާ ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯއެއް ވެސް ވަނީ ނަންގަވާފައެވެ. މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ގަނޑުވަރުގެ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އަމާޒު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމަށް އަންނަ ބަދަލުތަކާއި ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އަމާޒު ކުރައްވާފައެވެ.



