އެމެރިކާގެ ލޮސް އޮންޖަލަސްގައި ރޯވި އަލިފާންގަނޑު އަދިވެސް އެއްކޮށް ނުނިވޭ ކަމަށާއި ގަދަވަޔާއެކު އެ އަލިފާންގަނޑު އިތުރަށް ރޯވެ، ފެތުރިދާނެ ކަމަށް ބުނެފިއެވެ.
އޮފިޝަލުން ބުނި ގޮތުގައި މިހާރު އެޤައުމުގެ މޫސުން ހުރި ގޮތުން، ވައި ގަދަވާ ކަމަށާއި އެކަމުގެ ސަބަބުން އިތުރަށް ހުޅުގަނޑު ފެތުރިދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި އަލިފާންގަނޑުގެ ބޮޑުބައެއް މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް ދިމާވެދާނެ ހާލަތަކަށް ތައްޔާރަށް ތިބުމަށް އެލް.އޭ ކައުންޓީ ފަޔަރ ޗީފް އެންތޮނީ މެރޯން ރައްޔިތުންނަށް ބުނެފައިވެއެވެ.
މި ހާދިސާގައި މިހާތަނަށް 24 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި މިއީ އެމެރިކާގެ މުޅި ތާރީޚުގައި ވެސް ހިނގި އެންމެ ބިރުވެރި އަލިފާނުގެ ހާދިސާ ކަމުގައި ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ބުނެފައިވެއެވެ.
ލޮސް އެންޖަލަސްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި އަލިފާނުގެ ހާދިސާގެ ސަބަބުން އެތަނުގައި ހުންނަ ހޮލީވުޑް ހިލްސްގައި ވެސް ވަނީ ރޯވެފައެވެ. އެގޮތުން ބައެއް ތަރިންގެ ގެތަކުގައި ވެސް ރޯވެ، ބޮޑެތި ގެއްލުންތަކެއް އެމީހުންނަށް ވެސް ކުރިމަތިވެފައިވެއެވެ.



