މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ފުވައްމުލަކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހާއަކީ ޏ. ފުވައްމުލައް، ފުނާޑު / ފިނިފެންމާގެ، އަޙްމަދު ޝަޢުބާން ލަޠީފް (26އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތިގައި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޓިކްސް އިންޓެލިޖެންސް ގުޅިގެން ވަނީ މިިމަހު 12 ގައި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި، ޝައުބާނާ ގުޅުން ހުރި ކަމަށް ބެލެވޭ ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، މި ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.31 ގްރާމް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޝަޢުބާން ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.



