އައްޑޫ ސިޓީގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަދު އެއް ޖެންސެޓްގެ މައްސަލަ ޙައްލުވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަ ދިމާވަމުންދާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ފެނަކަ އިން ދަނީ މިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ މައި ޕަވަރ ހައުސްގައި ހުރި 20 އިންޖީނުގެ ތެރެއިން 5 އިންޖީނަށް މައްސަލަ ދިމާވެ މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތަށް ވަނ ބުރޫ އަރާފައެވެ. އަދި ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި ލޯޑު ނުހިފެހެއްޓުމުގެ ސަބަބުން އައްޑޫ ސިޓީގެ އެކި ރަށްތަކުން އެކި ވަގުތުތަކުގައި ކަރަންޓު ކެނޑެމުންދާކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
އެގޮތުން، އެކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލަ ޙައްލުކުރުމަށްޓަކައި އެކުންފުނިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، މިއަދުގެ އެއް ޖެންސެޓްގެ މައްސަލަ ޙައްލުކުރެވޭނެ ކަމަށެވެ. އަދި މައްސަލަ ފުރިހަމައަށް ޙައްލުކުރެވެންދެން، ކަރަންޓުގެ ލޯޑު ހިފެހެއްޓުމަށްޓަކައި ގުޅިފައިވާ ރަށްތަކުގެ އެކި ސަރަޙައްދުތަކުން ވަކި ތާވަލަކާ އެއްގޮތަށް ކަރަންޓު ކަނޑަން ނިންމާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
ފެނަކައިން އުތުރަށް ބުނީ މި މައްސަލަ ވީހާވެސް އަވަހަކަށް ޙައްލުކޮށް، ކަރަންޓުގެ ޚިދުމަތް އާންމު ޙާލަތަށް ގެނައުމަށް މެދުނުކެނޑި އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.




