ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ”އެމްޕަވަރމަންޓް ހަބް“ ގެ ނަމުގައި އައު މަރުކަޒެއް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފާއި ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ.
މި ހަބަކީ ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވޭ ޚިދުމަތެއް ކަމަށްވާއިރު، އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މީގެ އަމާޒަކީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނާއި ހުނަރު ދަސްކޮށްދިނުމެވެ.
މި މަރުކަޒުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކުރެވޭ މި ހަބުގައި 5500 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ. މީގެ ތެރޭގައި އިންކްލޫސިވް ކެފޭއަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި ވިއްކުމަށް ފިހާރައެއް ހިމެނެއެވެ. އަދި މީގެ އިތުރުން 3 ވޯކްޝޮޕް ޖާގައަކާއި، ކޮމްޕިއުޓަރ ތަމްރީނު ދޭ ތަނަކާއި، އެކްޓިވިޓީ ރޫމަކާއި މަލްޓިމީޑިއާ ރޫމެއް ހިމެނެއެވެ.
މި އަހަރު ތެރޭގައި ހުޅުވުމަށް ރޭވިފައިވާ މި ހަބުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ ގޮތަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ކާމިޔާބީ ބިނާވެގެންވަނީ މަދަނީ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ ތަންތަނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.




