މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މި އެލާޓް ދެމިއޮންނާނީ މިރޭ ދަންވަރު 1 ޖެހުމާ ހަމައަށެވެ.
މެޓް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގުގުރުމާއި ވިދުވަރު އެކުލެވޭ ވިއްސާރައެއް ކުރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިން މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ބޭ އޮފް ބެންގަލްގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު ހުޅަނގަށް ޖެހި އޭގެ އަސަރު ރާއްޖެއަށް ކުރާނެއެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި، މި ވިއްސާރަ ހަ ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
މި ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި، އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.
މި ހާލަތާ ގުޅިގެން، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި މަސްވެރިން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.



