ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މަގާމުން ވަކިކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ”ބޮޑު ޚަބަރު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ ފެނަކައިގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުން ކަމަށެވެ. އަދި ކުންފުނީގައި މިހާރު ވަރަށް ގިނަ މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި، މުވައްޒަފުން މަގާމުން ވަކިކުރުމުގެ ބަދަލުގައި މިހާރު ވިސްނުން ހުރީ ތިބި މުވައްޒަފުން އެންމެ ބޭނުންތެރި ގޮތުގައި ބޭނުންކުރުމަށް ކަމަށް އެމްޑީ ވިދާޅުވިއެވެ.
”ބައެއް ރަށްރަށުގައި ފެނަކައަކީ ސަރުކާރު ރިޕްރެޒެންޓްކުރާ ހަމައެކަނި ކުންފުނި. ފެނާއި ކަރަންޓު، ނަރުދަމާ އެއްފަރާތްކޮށްފައި ކޮމިއުނިޓީއަށްވެސް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަން އެބަޖެހޭ. ކާރިސާއެއް ދިމާވެއްޖެނަމަ ސަރުކާރުގެ ފަރާތުން ނިކުންނާނީ ފެނަކަ,“ އެމްޑީ ވިދާޅުވިއެވެ.
މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ އެމްޑީ ވިދާޅުވީ ތަމްރީނު ޕްރޮގްރާމްތަކާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ ބެލުމުގެ ދަށުން މިހާރު ވެސް ޓާސްކް ފޯސްތަކެއް އުފައްދާފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ ކުންފުނީގެ މަޤްޞަދަކީ މުވައްޒަފުންނަކީ ފުރިހަމައަށް ތަމްރީނު ލިބި، ވަޒީފާއަށް ޤާބިލު ބަޔަކަށް ހެދުން ކަމަށެވެ.
ރުކުމާ އިތުރަށް ވިދާޅުވީ މިވަގުތު މުހިންމީ އިތުރު މުވައްޒަފުންތަކެއް ވެއްދުން ނޫން ކަމަށާއި ތިބި މުވައްޒަފުން ހަރުދަނާކޮށްގެން ކުންފުނި ރަނގަޅަށް ހިންގުން ކަމަށެވެ.



