އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ދެ ޖަނަރޭޓަރެއް އަލުން ހިންގަން ފެށޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ޕަރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، އެމްޑީ ނަޖާޙް ވިދާޅުވީ އައްޑޫސިޓީގެ ޖަނަރޭޓަރުތަކުގެ ހާލަތު ދަށްވެފައިވާތީ އެ މައްސަލަ ހައްލުކުރުމަށް އިސްކަންދެއްވާފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ދެ ޖަނަރޭޓަރެއް އަލުން ހިންގަން ފެށޭނެ ކަމަށާއި އެ ޖަނަރޭޓަރުތައް މަރާމާތު ކުރުމުން ކަރަންޓު ނުކަނޑައި ޚިދުމަތް ދިނުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ނަޖާޙް ވިދާޅުވިއެވެ.
ނަޖާޙް އިތުރަށް ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިތުރު ދެ ޖަނަރޭޓަރެއް މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
މީގެއިތުރުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް 12 މެގަވޮޓްގެ ކަރަންޓު ބޭނުންވާއިރު، ހިތަދޫގައި ކަރަންޓު ދިނުމަށް ބަހައްޓާފައިވާ 20 ޖަނަރޭޓަރުގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓް ކަމަށް ވެސް ނަޖާޙް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރެވިފައިވާކަން ހާމަކުރައްވާ ނަޖާޙް ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



