ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ފަރާތެއް ހުއްޓުވުމަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ސްޓެލްކޯއިން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ހިތްވަރުގަދަކަމާއެކު ޢަމަލުކުރި މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަކަށް ވަނީ ކުންފުނީގެ ”މެޑަލް އޮފް ބްރޭވަރީ“ ހަވާލުކޮށްފައެވެ. އަދި އެހެން މުވައްޒަފަކަށް ހަނދާނީ ލިޔުމެއް ދީފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަންދޭކަން ހާމަކޮށް އެކުންފުނިން ބުނީ މިފަދަ ހާދިސާތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.
މިހާދިސާގައި ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މީހާގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމީހާ ހައްޔަރު ކޮށްފައި ވަނީ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅެނިކޮށް، އެކަން ހުއްޓުވި އެ ކުންފުނީގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެނެވެ.



