އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކޮށްފިއެވެ.
މި މަޤާމަށް ކުރިން އިޢުލާން ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އޭސީސީން މަޢުލޫމާތު ދީފައިވެއެވެ.
އޭސީސީއިން ހާމަކޮށްފައިވާ ގޮތުގައި ކުރީގެ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ކުރިމަތިލާން ބޭނުންވާނަމަ، އެޕްލިކޭޝަން ފޯމު އެކަނި ހުށަހެޅުމުން ފުދޭނެއެވެ.
އޭސީސީގެ އެސްޖީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ލަފާގެ މަތިން އިދާރީ ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ތަންފީޛުކޮށް، ބެލެހެއްޓުން ހިމެނޭއިރު މި މަޤާމުގެ ދައުރަކީ 5 އަހަރު ދުވަހެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ 18 އަހަރާއި 55 އަހަރާ ދެމެދުގެ، އަދި އޭސީސީން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.



