އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޔުނިވަރސިޓީއަށް ރައީސޑރ. މުޙައްމަދު މުޢިއްޒު މިއަދު ޒިޔާރަތްކުރައްވާއިފިއެވެ.
އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ޒިޔާރަތް ކުރެއްވުމުން، އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައި ވަނީ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރެވެ.
ޒިޔާރަތުގެ ތެރޭގައި، ޕްރޮފެސަރ އައްސެރު ރައީސް މުޢިއްޒަށް ކެމްޕަހުގެ މުހިންމު ސަރަޙައްދުތައް ދައްކުވައިދެއްވާފައިވާއިރު ރައީސް ޑރ. މުޢިއްޒު ވަނީ ޔުނިވަރސިޓީގެ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.
އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޓާރްޓޫ ޔުނިވަރސިޓީގައި 14،300 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ. މީގެ ތެރޭގައި 100 އަށްވުރެ ގިނަ ޤައުމުތަކުން އައިސްފައިވާ 13 އިންސައްތަ ބައިނަލްއަޤްވާމީ ދަރިވަރުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ޔުނިވަރސިޓީއާއެކު މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ދިވެހި ދަރިވަރުންނާއި މުދައްރިސުންނަށް ތަޢުލީމީ އަދި ތަމްރީނު ފުރުޞަތުތަކާއި، ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ޤާބިލުކަން ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދެކެވުނެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ފަންނީ މާހިރުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.




