މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ތިން މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކެކެވެ.
މިމަހުގެ 13 ވަނަ ދުވަހު ހިންގި މިޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވާ ތިން މީހުން ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެގޮތުން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / މޫނިމާގެ، ނަޒީހް ޝަރީފް (27އ) އާއި ޏ. ފުވައްމުލައް / ދަޑިމަގު، ވައިގެ، މުޙްސިން މުޙައްމަދު (31އ) އަދި މާލެ، ދަފްތަރު ނަންބަރު ދރ.465، މުޙައްމަދު ޝާން ޢަބްދުލްޣަނީ (40އ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ހައްޔަރުކުރެވުނު ތިން ފަރާތް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 98.37 ގްރާމް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތިން މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ.



