ހަނގުރާމަ ހުއްޓައިލަން ނިންމުމުން ޣައްޒާގެ ރައްޔިތުން އުފާފާޅު ކުރަމުން ދަނިކޮށް، ޔަހޫދީ އިޒްރޭލު ސިފައިން އަނެއްކާވެސް ޣައްޒާއަށް ހަމަލާދީފިއެވެ.
މީޑިއޭޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި، 15 މަހުގެ ދިގުމުއްދަތަކަށްފަހު ހަމާސްއާއި އިޒްރޭލުން މިވަނީ ހަނގުރާމަ ހުއްޓައިލަން ނިންމާފައެވެ. ނަމަވެސް ރަސްމީކޮށް އެކަމަށް އަމަލު ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
ނަމަވެސް މި މަޝްވަރާތަކަށްފަހު ހަނގުރާމަ ހުއްޓައިލަން އެއްބަސްވި ފަހުން ރޭގައި އިޒްރޭލުން ވަނީ ޣައްޒާއަށް ހަމަލާތަކެއްދީ މިހާރުވެސް އިތުރު 30 މީހުން މަރާލައިފައެވެ.
ހަމާސްގެ އޮފިޝަލު އިއްޒަތު އަލް-ރިޝީޤް ބުނީ ދޯހާގައި ކުރި މި މަޝްވަރާތަކަށްފަހު ނިންމީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓައިލަން ކަމަށާއި ފަލަސްތީނުން މި މަޝްވަރާ ބައްދަލުވުމަށްދިޔަ ގްރޫޕުގެ ހުރިހާ ޝަރުތުތަކަކަށް ވެސް އިޒްރޭލުން ދިޔަ އޮފިޝަލުން އެއްބަސްވެފައިވާ ކަމަށެވެ. އޭގެތެރޭގައި ފަލަސްތީނުގައި ވެރިވެގަނެފައިވާ ހުރިހާ އިޒްރޭލު ސިފައިން ވެސް އެ ޤައުމުން ފައިބާ، ހައްޔަރު ކޮށްފައިތިބި އެންމެން ދޫކޮށްލަން އެއްބަސްވުން ވެސް ހިމެނޭ ކަމަށް އިއްޒަތު ބުންޏެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި އެއްބަސްވުމުގައި އެހީތެރިވެދިން ކަމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށާއި އެ ޤައުމުގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކޮށްފައެވެ.



