ބޮލީވުޑްގެ އެކްޓްރެސް ހީނާ ޚާން، ކެންސަރުން ސަލާމަތްވޭތޯ ދުޢާކުރަން ހިންދޫންގެ ފައްޅިއަކަށް ގޮސް ޝިރްކުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހީނާ ފައްޅިއަކަށް ދިޔުމަށްފަހު އެތަނުން ނިތްކުރީގައި ކުލަ އުނގުޅައިގެން ނިކުމެ ބޭރުގައި ތިބި އިންޑިއާގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އޭނާއަށް ޖެހިފައިވާ ކެންސަރުބަލިން ސަލާމަތްވޭތޯ ކުރާ މަސައްކަތް އަވަހަށް ކާމިޔާބު ވޭތޯ ދުއާ ކޮށްދިނުމަށެވެ. އަދި އިންޑިއާގެ ހިންދޫ މީހުން ކަލާންގެއެއް ކަމަށް ދެކިގެން އުޅޭ އެއްޗަކަށް ގޮވާ ގޮވުމެއްގައި އޭނާ ބައިވެރިވެސް ވެފައިވެއެވެ.
ހީނާގެ މި އަމަލުން އެތައް ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ. އޭނާ ޢުމްރާގެ މަތިވެރި އަޅުކަން ކޮށްގެން އައިސް ޝިރްކު ކުރުމުން ވަރަށް ބޮޑަށް އޭނާއާ ދޭތެރޭ ދެކުނު ގޮތް ބަދަލުވެއްޖެކަމަށާއި މިހާރު އޭނާއަށް ސަޕޯޓުވެސް އަދި އިހުތިރާމުވެސް ނުކުރާކަމަށް ބައެއް މީހުން ކޮމެންޓުގައި ބުނެފައިވެއެވެ.
ޢުމްރާގެ އަޅުކަން ކުރަން ހީނާ މައްކާއަށް ގޮސްފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅެވެ. އަދި އޭނާއަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މިދިޔަ އަހަރުއެވެ.
އެއަށްފަހު ހީނާވަނީ ކެންސަރަށް ފަރުވާ ހޯދުމަށް އޭނާކުރާ މަސައްކަތްތައް، އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކޮށްފައެވެ. ގިނަ މީހުން އެ ޕޯސްޓުތަކުގައި އޭނާއަށް ހިތްވަރުދީ، ސާބިތުކަންމަތީ ހުރުމަށް އަބަދުވެސް ނަސޭހަތްތެރިވެފައިވެއެވެ. ނަމަވެސް އިއްޔެ އާންމުވީ ވީޑިއޯތަކާއި ފޮޓޯތަކަށްފަހު ބައެއް ހިންދޫންވެސް ވަނީ ހީނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.



