އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ”ނޫރުލް އަޛާން 1446“ ބަންގި މުބާރާތުގެ އޮޑިޝަން ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 4 އިން ފެށިގެން 6 އާއި ހަމައަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މުބާރާތަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމަށް ކުރިން ހުޅުވާލި ފުރުޞަތުގައި 40 ފަރާތަކުން ކުރިމަތިލާފައިވާއިރު، އޮޑިޝަންގައި ބައިވެރިވާނީ ޝަރުޠު ހަމަވާ 30 ފަރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުުރުން، މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރީތި އަޑުފުޅާއެކު ޞައްޙަ ގޮތުގައި ބަންގިގޮވާ ޒުވާނުން އުފެއްދުމާއި، މުޖުތަމަޢުގައި މިކަމަށް ޝައުޤުވެރިކަން އިތުރުކުރުމުގެ އިތުރުން، ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކުރުމާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މުބާރާތުގައި ވަނަ ހޯދާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ މައި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުޞަތު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.



