ފުލުހުން ތަހުގީގު ކުރަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ކުއްޖާއަށް އަނިޔާކުރި ކަލާފާނު ސްކޫލުގައި ދިވެހި ކިޔަވައިދޭ އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފިއެވެ.
ސައުވީސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާކުރި ޓީޗަރަކީ ޒުވާން އަންހެނެކެވެ. އޭނާ އެކުއްޖާއަށް އަނިޔާ ކޮށްފައި ވަނީ ކުއްޖާގެ އަތް ފުރަގަހަށްލައި، ގޮނޑީގައި ބަނދެގެން ކަމަށް މައުލޫމާތު ލިބެއެވެ.
އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ސައުވީސްއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިވަގުތު ކުއްޖާގެ ހާލު ރަނގަޅެވެ.
މި މައްސަލަ ފުރަތަމަ ސްކޫލުގެ އިސްވެރިންގެ ސަމާލުކަމަށް އައުމާއެކު، ވަގުތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އަންގާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އަދި މިނިސްޓްރީން ލަސްނުކޮށް މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެފައިވަނީ ދަރިވަރުންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަ މިހާރު ވަނީ ތަޙުޤީޤު ކުރަން ފަށާފައެވެ.



