ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިޢުލާނުކުރެވުނު ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 87 ފަލަސްޠީނުން މަރުވެއްޖެއެވެ.
މީގެ ތެރޭގައި 21 ކުޑަކުދިންނާއި 25 އަންހެނުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުން، އިސްރާއީލުގެ ކެބިނެޓުން މިއަދު ބައްދަލުވުމެއް ބާއްވައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އދ. ގެ ފަލަސްޠީނު ރެފިއުޖީންގެ އޭޖެންސީން ބުނެފައިވާ ގޮތުގައި، ޣައްޒާގައި ހަނގުރާމައިގެ ސަބަބުން ކޮންމެ ދުވަހަކު އެވްރެޖުކޮށް 15 ކުދިންނަށް އުމުރަށް ނުކުޅެދުންތެރިކަން ލިބޭ ފަދަ އަނިޔާތައް ދަނީ ލިބެމުންނެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި 15 މަސް ދުވަަސް ވަންދެން ހުއްްޓުމެއް ނެތި ހިންގަމުންދާ ގަތުލު އާންމުގައި މަދުވެގެން 46،788 ފަލަސްޠީނުން މަރުވެ، 110،453 މީހުންނަށް ވަނީ އަނިޔާވެފައެވެ.
މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އަނެއްކާވެސް އިޒްރޭލުން ހަމަލާތައް ދެމުންދާތީވެ ސުލްޙައަށް އޮތް އުއްމީދު ކުޑަވަމުންދާ ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ފާހަގަކޮށްފައެވެ.



