މި ދައުރުގައި ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ތަޢުލީމާއި ޞިއްޙަތުގެ ދާއިރާތައް ހިމެނޭގޮތުން ސަރުކާރުގެ އެންމެހައި ޚިދުމަތްތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ބަލައިގަތުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ކުރިމަގުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގައިވެސް އޭ.އައި ގެ ދައުރު ފާހަގަކޮށްލެވޭނެ ކަމަށާއި، އެސްޓޯނިއާގައި މިކަން ތަންފީޒުކޮށްފައިވާ ގޮތް މި ދަތުރުފުޅުން ދެނެގަތުމުގެ ފުރުޞަތު ލިބިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ރޮނގުން އެސްޓޯނިއާއަކީ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްކަން، ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މި ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެސްޓޯނިއާއިން ވަޢުދުވެފައިވާކަމީ، މިއީ ރާއްޖެ ކުރިއަރުވަން ބޭނުންވާ މިސްރާބަށް ދަތުރުކުރުމުގައި ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ ރާއްޖޭގެ ވެރިއަކު އެސްޓޯނިއާއަށް ކުރައްވާފަައިވާ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސްމެއެވެ.



