ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭނެ މަގުތައް ފަހިވާ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާ އެކީ ގާތް ގުޅުމެއް ބާއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހީނަރު ނުވާ ގޮތަށް ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ދިވެހިންނަށް ފައިދާވާނެ ހުރިހާ މަގެއް ބައްލަވާނެ ކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭނެ މަގުތައް ފަހިވާ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާ އެކީ ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރެވިގެން ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ އަވަށްޓެރިން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވާނެ. އެ ހަގީގަތެއް ބަދަލެއް ނުވާނެ. އެ ހަގީގަތް އޮވެމެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެބަޖެހޭ ދިވެހިންނަށް ފައިދާވާ ހުރިހާ މަގެއް ފަހި ކުރަން،“ ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އެސްޓޯނިއާއަށް ކުރެއްވި ދަތުރަކީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް މި ސަރުކާރުން ގެންގުޅޭ ތަސައްވަރު ހާސިލްކުރުމަށް ކުރެވުނު ކާމިޔާބު ދަތުރެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ވިދާޅުވީ އެސްޓޯނިއާ އަކީ ޑިޖިޓަލް އިގުތިސާދެއް ބިބާކުރުމުގައި މުޅި ދުނިޔޭގައި ވެސް ނަމޫނާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ފަށާފައިވާ މަސައްކަތުގައި އެސްޓޯނިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.




