ވިލިމާލެ ވޯޓާ ސްޕޯޓްސް ބީޗުގައި މޫދަށް އެރި އުޅުނު މީހަކު އޮޔާދިޔުމުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ’ސައުވީސް‘ ވިދާޅުވީ ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަމާގަތް ކަމުގެ ރިޕޯޓް މިއަދު 15:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިހާދިސާގައި އޮޔާ ދިޔަ މީހާއަކީ ދިވެއްސެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެމީހާ ސަލާމަތްކޮށްފައި ވަނީ އެމްޓީސީސީ ފެރީއަކުންނެވެ.
އެމީހާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި އެމީހާގެ ހާލަތު މިހާރު ރަނގަޅުކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހާ ސަލާމަތް ކުރަން ދިޔަ މީހުން އެތަަނަށް ދިޔަ މެރީން ޕޮލިސް ލޯންޗަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން އިތުރަށް ވިދާޅުވިއެވެ.
މީގެއިތުރުން މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.



