ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ޣައްޒާގެ ހަލާކުވެފައިވާ ޞިއްޙީ ދާއިރާއަށް އެހީތެރިވުމަށް ވަގުތީ ހޮސްޕިޓަލްތަކެއް ގެންދިއުމަށް ނިންމައިފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ ޑަބްލިއު.އެޗް.އޯގެ ފަލަސްޠީނުގެ އޮކިއުޕައިޑް ޓެރިޓަރީގެ މަންދޫބު ރިކް ޕީޕަރކޯންއެވެ.
ހުކުރު ދުވަހު ޖެނީވާގައި ނެރުނު ނޫސްބަޔާނެއްގައި ޕީޕަރކޯން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ޣައްޒާއަށް ފޯރުކޮށްދޭ އެހީގެ މިންވަރު އިތުރުކުރެވިދާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް ދުވާލަކު 600 ޓްރަކު އެ ސަރަޙައްދަށް ވަނުމަށް އުއްމީދުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޑަބްލިއު.އެޗް.އޯ އިން ޣައްޒާއަށް ގެންދަން ނިންމި ވަގުތީ ހޮސްޕިޓަލްތަކުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ. ޕީޕަރކޯން ވިދާޅުވީ އިތުރު ބޯޑަރު ކްރޮސިންގތައް ހުޅުވުމާއެކު، އެހީގެ މިންވަރު ވަރަށް ބޮޑަށް އިތުރު ކުރާނެ ކަމަށެވެ.
މި ޖަމްޢިއްޔާގެ ރޭވުންތަކުގެ މަޤްޞަދަކީ ޣައްޒާގައި ހުރި ކުއްލި ޞިއްޙީ ބޭނުންތަކަށް އަމާޒުކުރުމެވެ. އިސްރާއީލުން ޣައްޒާގެ މައްޗަށް 15 މަސް ދުވަހުގެ މުއްދަތަށް ހިނގަމުން ދިޔަ ގަތުލު އާއްމުގެ ސަބަބުން ޣައްޒާގައި ޞިއްޙީ އަސާސީ ވަސީލަތްތަކަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.



