ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން މިވަނީ، އޭނާއަކީ ހަމައެކަނި ކެމެރާ ކުރިމަތީގެ ބަޠަލެއް ނޫންކަމާއި ހަގީގީ ދިރިއުޅުމުގައި ވެސް ލާމަސީލު ނަމޫނާއެއްކަން ސާބިތުކޮށްދީފައެވެ.
ބާންޑްރާގައި ހުންނަ ސައިފްގެ އެޕާޓްމަންޓަކަށް ވަގަކު ވަދެ، މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާއަށް ވަޅިން ހަމަލާ ދީފައިވާ ވާހަކައަކީ މިހާރު އިންޑިއާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ. އެގޮތުން 11 ވަނަ ފަންގިފިލާގައި ހުންނަ އެ އެޕާޓްމަންޓަށް ދަންވަރު ގަޑީގައި ވަދެ، ވައްކަން ކުރަން އުޅެނިކޮށް ސައިފްއަށް ނިދިން ހޭލެވުނު ކަމަށާއި އަދި އޭނާ ހުއްޓުވަން އުޅުމުން ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ނަމަވެސް އެ ޒަހަމްތަކާއެކު ވެސް ސައިފް މަސައްކަތް ކުރީ އޭނާގެ އާއިލާއާއި، އެގޭގައި މަސައްކަތް ކުރާ އޭނާގެ މުވައްޒަފުން ސަލާމަތް ކުރެވޭތޯކަން މިހާރު ވަނީ ހާމަވެފައެވެ. އެގޮތުން ސައިފްގެ ގެއަށް ވަން ވަގު އެންމެ ފުރަތަމަ ވަންނަން އުޅުނީ ސައިފްއާއި ކަރީނާ ކަޕޫރް ޚާންގެ ދަރިން ކަމަށްވާ ތައިމޫރްއާއި ޖޭހްގެ ކޮޓަރިއަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އޭގެކުރިން ސައިފްއަށް ހޭލެވިގެން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުން ފުރަތަމަ ހަމަލާ ދިނުމަށްފަހު، ވަގުކަލޭގެ މަސައްކަތް ކުރީ އިތުރު ކޮޓަރިތަކަށް ވަދެވޭތޯ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އޭނާގެ އެ މަސައްކަތްވެސް ސައިފްގެ ސަބަބުންވީ ނާކާމިޔާބެވެ.
އެހެންކަމުން ސައިފްގެ ގަޔަށް އިތުރަށް ވަޅިހެރުމަށްފަހު އެމީހާ ފިލަން ދުއްވައިގަތީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ލޭތަކާއެކީ ސައިފް އޭނާގެ ފަހަތުން ތިރިއަށް ފޭބުމަށްފަހު، ހޮސްޕިޓަލަށް ދިޔައީ އޮޓޯރިކްޝާއެއްގައެވެ. އެ އޮޓޯ ދުއްވި ޑްރައިވަރު ވަނީ ސައިފްގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފުވެސް ކޮށްފައެވެ.
”އަހަރެން އެވަގުތު އެ އެޕާޓްމަންޓުގެ ބޭރުގައި އޮޓޯގައި އިންދާ އިވުނީ މީހަކު އެހީވާން އެދި ގޮވާ އަޑު. ލެއިން ތަތްތެޅިފައިވާ ހުދު ކުރުތާއެއް ލައިގެން ހުރި މީހަކު އެއިރު އަންނަތަން ފެނުން. ފުރަތަމަ އަހަންނަކަށް ނޭނގުނު އެއީ ކާކުކަމެއް. އޭނަ ބުނި ތިމަންނާއަކީ ސައިފް އަލީ ޚާންއޭ، މީހަކު ތިމަންނާއަށް ހަމަލާދީފިއޭ އަވަހަށް ހޮސްޕިޓަލަށް ގެންގޮސްދޭށޭ“ ބަޖަން ސިންގް ރާނާ ނަމަކަށް ކިޔައި އެ ޑްރައިވަރު މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.
ރާނާ ބުނީ ސައިފް އޮޓޯގައި އިށީނީވެސް އޭނާގެ އެހީއަކާ ނުލައި އަމިއްލައަށް ކަމަށާއި، ލީލާވަތީ ހޮސްޕިޓަލަށް ދެވެންދެން ވެސް ވަރަށް ހިތްވަރުކުރި ކަމަށެވެ.
އިންޑިއާ ފުލުހުން ބުނީ، ސައިފްގެ ގެއަށް ވަތްކަމަށް ތުހުމަތު ކުރެވޭ މީހަކު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ މިހާރު މުމްބައި ދޫކޮށް ފިލައިފި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.




