ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.
މިނިސްޓަރު އިހުސާން ޤާނޫނުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެ، އެމްޑީޕީ ތަމްސީލުކުރާ 12 މެމްބަރުންގެ ސޮޔާއެކު މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި މައްސަލައިގައި އެމްޑީޕީއިން ބުނެފައިވަނީ، މިނިސްޓަރު އިހުސާން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ، ކޮށްގެން ނުވާނެ އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އެމްޑީޕީއިން ފާހަގަ ކޮށްފައިވާ ބައެއް މައްސަލަތައް:
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް، ރާއްޖޭގެ ކުންފުންޔަކުން އެކްސްޕެޓް ސިސްޓަމެއް ޤާއިމުކޮށްފައިވަނިކޮށް، އެ ނިޒާމު ހުއްޓުވައި، ބްލެކްލިސްޓު ކޮށްފައިވާ މެލޭޝިއާގެ ކުންފުންޔަކާ އެ މަސައްކަތް ހަވާލުކުރުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ހުރަސް އެޅުން
- ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމާއި ނުލާ ޕީއެންސީއަށް ވެއްދުން
- ސައްހަ ނޫން ފޯމުތައް ފުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޑީއެންއާރުގެ ވަސީލަތްތަކާއި އެ އޮފީހުގެ މުވައްޒަފުން ބޭނުންކުރުމާއި، އެކަންކަން ސީދާ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ގެންދިޔުން
މިނިސްޓަރު އިހުސާން މަގާމުން ވަކިކުރަން އެމްޑީޕީއިން ހުށަހެޅި ނަމަވެސް، މިނިސްޓަރަކު ވަކި ކުރުމަށް ބޭނުންވާ މެޖޯރިޓީ ވޯޓުގެ އަދަދު އެމްޑީޕީއަށް ހަމަ ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.



