ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ފެށޭ ރޯދަ މަހު ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމު އުނިވާނެ ކަމަށް ބުނެ ފެތުރެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް މިފްކޯއިން ބުނެފިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް އެއްއަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ނަމަވެސް މިފްކޯ އިން ގޭބިސީތަކަށް ހިލޭދޭ މަސްދަޅުން، 40 ގްރާމު އުނިކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަ ފަތުރާފައެވެ.
މިކަމާ ގުޅޭގޮތުން ”އެކްސް“ މެދުވެރިކޮށް މިފްކޯއިން މިއަދު ބުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ ކަމަށާއި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން 140 ގްރާމު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް، އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި އެއީ މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށް ވެސް މިފްކޯ އިން ބުނެފައިވެއެވެ.



