ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ސެކްޓަރު ތަމްސީލުކުރާނެ ދެ މެންބަރުން ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ޕެންޝަން/އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
އަމިއްލަ ސެކްޓަރު ތަމްސީލުކުރާ މެންބަރުންނަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި ސަރުކާރުން 50 އިންސައްތައަށްވުރެ ގިނަ ހިއްސާ އޮންނަ ޕަބްލިކް އަދި އަމިއްލަ ކުންފުނިތަކުގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ވެގެން ނުވާނެއެވެ.
ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އަމިއްލަ ސެކްޓަރު ތަމްސީލުކުރާ ބޯޑު މެންބަރުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޤާނޫނުގައިވާ ގޮތުގެ މަތިން އެކުލަވާލެވޭ ސެލެކްޝަން ކޮމިޓީންނެވެ. މި ކޮމިޓީން ކޮންމެ މަޤާމަކަށް ތިން ބޭފުޅެއްގެ ނަން ޝޯޓްލިސްޓްކޮށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެ ފަރާތްތަކުގެ ޝަރުޠު ފުރިހަމަވާކަން ކަށަވަރުކުރާނެއެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.




