އެންޑީއޭގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިއަހަރު ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ..
ލުބްނާ ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ސެންޓަރުތަކުގެ ސްޓްރަކްޗަރތަކަށް ބަދަލެއް ގެނެސްފައިނުވާތީ، މިއަހަރު ސެންޓަރުތަކުގެ ޖާގަ އިތުރުކޮށް ހާލަތު ރަނގަޅު ކުރުމަށް އިސްކަންދޭނެ ކަމަށެވެ.
މީގެ އިތުރުން، ފަރުވާގެ ނިޒާމަށް މީހުން ވެއްދުމަށް ވޮލަންޓިއަރ ގޮތުންނާއި ޑްރަގް ކޯޓު އަދި ރިމާންޑް އޮޕަރޭޝަން މެދުވެރިކޮށް މަސައްކަތްކުރާ ކަމަށް ލުބްނާ ވިދާޅުވިއެވެ. މިހާތަނަށް މަގުމަތިން 74 މީހަކު ވައްދާފައިވާ ކަމަށާއި، މީގެ ތެރެއިން 50 މީހުން ޑްރަގް ރީހެބިލިޓޭޝަނަށް ވަދެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ލުބްނާ އިތުރަށް ވިދާޅުވީ، މުޖުތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާގެ ތެރެއިން ޑިޓޮކްސިފިކޭޝަން ފަރުވާ ހޮސްޕިޓަލްތައް މެދުވެރިކޮށް ފަށާނެ ކަމަށާއި، އެންޑީއޭގެ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ދެމެހެއްޓޭނެ ކަމަށެވެ. އަދި ފަރުވާގެ ނިޒާމުގައި އެންޖީއޯތަކުގެ ދައުރު އިތުރުކުރުމަށްވެސް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.




