އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 5 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 19 އިން 23 ޖަނަވަރީ 2025 އަށެވެ.
މި ތަމްރީން ޕްރޮގްރާމުގެ މަޤްޞަދަކީ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމާއި، މާލިއްޔަތު ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމުގައި އެވުޒާރާއިން ބުނެފައިވެއެވެ.
މި ޕްރޮގްރާމުގައި އެސިސްޓެންޓް ޑިރެކްޓަރުންނާއި، ބަޖެޓްގެ މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ފިޔަވަތި، އިސްރަށްވެހިންގެ ނާދީ އަދި ވިލިނގިލީ އިޖުތިމާޢީ މަރުކަޒުގެ އިދާރީ މުވައްޒަފުން ބައިވެރިވެފައިވާއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުން މުވައްޒަފުން ވަނީ މިޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އަދި މިއާއިއެކު ، ޖުމްލަ 62 މުވައްޒަފުން މި ތަމްރީނުގައި ބައިވެރިވެފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި ތަމްރީނުގެ ސަބަބުން އެވުޒާރާގެ ދަށުން ހިނގާ އިދާރާތަކުގެ މަސައްކަތްތައް ގާނޫނާއި ގަވާއިދުގެ ތެރެއިން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސްއެވުޒާރާއިން ބުނެފައިވެއެވެ.




