ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތަށް ގަވާއިދު ހަދާނެ ކަމަށް އެންވައިރޮމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ގަވާއިދު އަންނަ ހަފުތާގައި އާންމުކޮށް، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެއަށް އަމަލުކުރަން ފަށަން ޖެހޭނެ ކަމަށާއި މި ގަވާއިދުގެ ދަށުން، ބުރަފަތީގައި ގާޑު އަޅުވައިގެން ނޫނީ ފެހުރިހި ބަލަން އުޅަނދުތަކަށް އެ ސަރަހައްދަށް ނުވަދެވޭނެ ގޮތަށް ކަނޑައަޅާނެ ކަމަށެވެ.
މީގެ އިތުރުން، ފެހުރިހި ބަލަންދާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި، އެތަނަށް ދާ އުޅަނދުތަކުގައި ތިބޭ ގައިޑުންނަށް ތަމްރީނު ދޭން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮންމެ ގައިޑަކާ އެކު ދެވޭނީ ފަސް ފަތުރުވެރިންނަށް ކަމަށެވެ. ހަމައެއާއިއެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ލޯންޗަކުން އެ ސަރަހައްދު މޮނިޓަރ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީން އާއްމުކުރާ މި ގަވާއިދަށް ކުރިއަށް އޮތް ތިން މަސްތެރޭގައި އަމަލުކުރާ ގޮތަށް ކަނޑައަޅާފައިވާއިރު، މިގަވާއިދާއި އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




