ޓިކްޓޮކްގެ މައި ކުންފުނި ކަމުގައިވާ ބައިޓްޑާންސްއަށް އެމެރިކާގައި ޤަބޫލުކުރެވޭ ގަންނާނެ ފަރާތެއް ހޯދުމަށް އިތުރު ވަގުތު ދިނުމަށްޓަކައި އެގްޒެކެޓިވް އަމުރެއް ނެރުއްވުމަށް ނިންމަވާފައިވާ ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ.
މި ނިންމެވުމަކީ އެމެރިކާގައި ޓިކްޓޮކް ދާއިމީކޮށް މަނާކުރުމުގެ ކުރިން އެޅޭ ފިޔަވަޅެއް ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޓްރަމްޕް މި ނިންމުން އިޢުލާނުކުރެއްވީ އޭނާގެ ޓްރޫތް ސޯޝަލް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި އިޢުލާނު ކުރެއްވީ، އެމެރިކާގެ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ޓިކްޓޮކް އެޕް ނުވަތަ ޕްލެޓްފޯމް އިތުރަށް ބޭނުން ނުކުރެވޭނެކަން އެނގުނު ދުވަހުއެވެ. އެގޮތުން ފެޑެރަލް ޤާނޫނާއި އެއްބާރުލުން ދިނުމަށްޓަކައި، ގޫގުލްއާއި އެޕަލްއިން މިހާރު ވަނީ އެމީހުންގެ ޑިޖިޓަލް ސްޓޯތަކުން ޓިކްޓޮކް އެއެޕް ނަގާފައެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާގެ އަމުރުގައި ”ޤާނޫނުގެ މަނާކޮށްފައިވާ ކަންތައް ތަންފީޒު ކުރަން ފެށުމުގެ ކުރިން މުއްދަތު އިތުރުކުރެވޭނެ“ ކަމަށެވެ.
ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތުން ވިއޭބަލް ސޭލްއެއް ކުރިއަށްދާނަމަ 90 ދުވަހުގެ މުއްދަތެއް އިތުރުކުރުމުގެ ބާރު އެމެރިކާގެ ރައީސަށް ލިބިގެންވެއެވެ.
އެމެރިކާގެ ސަރުކާރުން ޓިކްޓޮކްއާ މެދު ކަންބޮޑުވުން ފާޅުކުރަމުންދަނީ ޤައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. ޚާއްޞަކޮށް، ޗައިނާގެ ސަރުކާރުން ޓިކްޓޮކް މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު އެއްކުރުމާއި، އެމެރިކާގެ ރައްޔިތުންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭތީ ކަމަށް އެމެރިކާއިން ބުނެއެވެ.



