އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލަން ހަމާސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފަލަސްތީނުގެ 90 ހައްޔަރީން އިއްޔެ މިނިވަން ކޮށްފިއެވެ.
އިޒްރޭލުން އެ 90 މީހުން މިނިވަންކޮށް، އެނބުރި އެމީހުންގެ އާއިލާގާތަށް ފޮނުވާފައިވަނީ، ބަދަލުގައި އިޒްރޭލު ސިފައިންގެ ތިން މީހަކު ހަމާސްއިން މިނިވަން ކުރުމުންނެވެ.
ހިތްދަތިކަމާއި ބިރުވެރިކަމުން ފުރިގެންވާ ދިގު 15 ދުވަހުގެ ހަނގުރާމައަށްފަހު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިއްޔެ ވަނީ ރަސްމީކޮށް އަމަލު ކުރަން ފަށާފައެވެ.
އެގޮތުން އަމިއްލަ ގެދޮރުން ނުކުންނަން ޖެހުނު ޣައްޒާގެ ގިނަ ރައްޔިތުންތަކެއް އިއްޔެ ވަނީ އަނބުރާ އެމީހުންގެ ބިމަށް ދާން ފަށާފައެވެ. އަދި މިހާރު ފަލަސްތީނުގެ ރައްޔިތުން އިންތިޒާރުކުރަމުން ދަނީ އެކި ފަރާތްތަކުން އެމީހުންނަށް ފޯރުކޮށްދޭނެ ކާބޯތަކެއްޗާއި ޒަރޫރީ އެހެން ބޭނުންތަކުގެ ސާމާނު ލިބެން މަގުފަހިވާނެ ވަގުތަކަށެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެހީގެ ސާމާނު ހިފައިގެންދާ 600 ޓްރަކްގެ ތެރެއިން އެއް ޓްރަކަށް މިހާރު ވަނީ އެ ސަރަހައްދަށް ވަދެވިފައެވެ.



