ޅ. ނައިފަރުގެ ގެއްލުން ލިބިފައިވާ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
އާރްޑީސީން މިއަދު ”އެކްސް“ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ ނައިފަރުގެ ބައެއް މަގުތަކުގައި ވަޅުގަނޑު ހެދި ގެއްލުން ވެފައިވާތީ، އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން، އެ މަގުތަކުގެ ފަސްގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރަށްތަކުގެ މަގުތައް ހެދުމުގައި އާރްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މި މަހުގެ 15 ވަނަ ދުވަހު، މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މާވެޔޮ ހިނގުމުގައި މަގު ކޮނުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. މީގެ އިތުރުން ކޯނަރ ކާރބް ޖެހުމާއި ބެކް ފިލިންގގެ މަސައްކަތްވެސް ކޮށްފައިވެއެވެ.
ހަމަމިއާއެކު ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ނިރިލި ގޯޅީގައި މަގު ކޮނުމާއި ޑީވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ހަމަ އެދުވަހު އާރްޑީސީން ވަނީ ކޮށްފައެވެ. އަދި އެރަށު ބޮޑާވަށް މަގުގައި މަގު ލެވެލް ކުރުމާއި ކޮމްޕެކްޓު ކުރުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ވަނީ ފަށާފައެވެ.




