އަމީނީމަގު ހެދުމުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ އޭބީސީ ފަށަލަ ޓެސްޓު ކުރުމުގެ މަސައްކަތް ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފިއެވެ.
އާރްޑީސީން ”އެކްސް“ މެދުވެރިކޮށް މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައިވުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އޭބީސީ ފަށަލަ ޓެސްޓް ކުރުމުގެ މަސައްކަތް ކަމުގައެވެ.
މީގެ ކުރިން އާރްޑީސީން ވަނީ އެސަރަހައްދުގައި މަގު ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައި ވުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް އާރްޑީސީން ފަށާފައިވަނީ މިމަހު ކުރީކޮށްޅުގައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތްތައް ވެސް އާރްޑީސީން އަންނަނީ ބާރު ދުވެލީގައި ކުރަމުންނެވެ. އެގޮތުން ސައުތު ރީޖަންގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތ. ތިމަރަފުށި، ގއ. ވިލިނގިލި ދެވަނަ ފިޔަވަހި އަދި ގއ. ކޮލަމާފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވެއެވެ. މީގެ އިތުރުން ސެންޓްރަލް ރީޖަން މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ޅ. ހިންނަވަރު، ދ. ކުޑަހުވަދޫ އަދި މ. މުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް އާރްޑީސީން ފަށާފައިވެއެވެ.



