މިދިޔަ ހަފްތާގެ އާދީއްތަ ދުވަހަކީ ޣައްޒާގެ ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި ދުވަހެކެވެ. އެއީ 15 މަސް ދުވަހުގެ ދިގު މުއްދަތަކަށްފަހު އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލަން ނިންމައި ހަނގުރާމަ ރަސްމީކޮށް ހުއްޓައިލުމުގެ އަމަލީ މަސައްކަތް ފެށި ދުވަސް ކަމަށްވާތީ އެވެ.
އެ އެއްބަސްވުމާއެކު ފަލަސްތީނުގައި ހަމާސް ޖަމާއަތުން ހައްޔަރު ކޮށްފައިތި އިޒްރޭލު ސިފައިން މިނިވަން ކުރަން ފެށިއެވެ. އަދި އިޒްރޭލުން ވެސް ހައްޔަރު ކޮށްފައިތިބި ފަލަސްތީނު ރައްޔިތުން މިނިވަން ކުރިއެވެ. ހަމައެއާއެކު ޣައްޒާ ދޫކޮށް ރައްކާތެރި އެހެން ސަރަހައްދުތަކަށް ޙިޖުރަކުރި ފަލަސްތީނުގެ ރައްޔިތުންވެސް އެމީހުންގެ އަމިއްލަ ގެދޮރަށް އެނބުރި ދާން ފެށިއެވެ.
އެފަދައިން ޣައްޒާއަށް، އޭނާގެ އަމިއްލަ ގެއަށް ދިޔުމަށް ތައްޔާރުވަމުން އަންނަ އެކަކީ އިންޝިރާޙް ދަރާބޭ (55އ.) އެވެ. ޣައްޒާއަށް އިޒްރޭލުން ދެމުންގެންދިޔަ ހަމަލާތަކުގެ ސަބަބުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ވެސް ވަނީ ޝަހީދުވެގެން ގޮސްފައެވެ. އަދި އޭނާގެ ގެދޮރުވެސް ވަނީ ވިއްސިވިހާލި ވެފައެވެ. އެހެންކަމުން އޭނާއަށް މަޖުބޫރުވީ، އަމިއްލަ ނަފްސުގެ ސަލާމަތަށްޓަކައި ޣައްޒާ ދޫކޮށް އޭނާގެ ފިރިމީހާގެ އާއިލާ ކައިރިއަށް ދީރުލް ބަލާހްއަށް ޙިޖުރަކުރާށެވެ.
ހަނގުރާމަ ހުއްޓައިލަން ނިންމުމާ ގުޅިގެން މިހާރު އިންޝިރާޙް ވެސް ހުރީ އޭނާގެ އަމިއްލަ ގެއަށް، ނުވަތަ ގެ ހުރި ބިމަށް، އެނބުރި ދާން ތައްޔާރަށެވެ. ނަމަވެސް އޭނާގެ މަޤްސަދަކީ އަމިއްލަ ގޭގައި ދިރިއުޅެން ދިޔުމެއް ނޫނެވެ. އިންޝިރާޙް ބުނި ގޮތުގައި އޭނާ ޣައްޒާއަށް އެނބުރި ދާން ބޭނުންވާ ހަމައެކަނި ސަބަބަކީ، އޭނާގެ ޝަހީދުވެފައިވާ ދަރިފުޅެވެ. އޭނާ ބޭނުންވަނީ ދަރިފުޅު ވަޅުލާފައިވާ ތަން ހޯދައި، އެތަނުގައި ލޯބިވާ ދަރިފުޅަށްޓަކައި މަހާނަގަލެއް ޖަހާށެވެ. ދަރިފުޅަށް ނުދެވުނު ފުރިހަމަ ޖަނާޒާ ދިނުމެވެ.




