ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ދެ ބޭފުޅަކު، މިއަދު ހެނދުނު އައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި 2 ބޭފުޅުންނަކީ، މުޙައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކ.ހުރާ، ރޯޒް އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، މި ދެ ބޭފުޅުން އައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
މެންބަރުކަމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން، މި ދެ މެންބަރުންނާ ރައީސް މުޢިއްޒު ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވައިފައެވެ.




