އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ތިންވަނަ ސެގްމަންޓްގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހިސާބުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ސެގްމަންޓު 3 ގެ މަސައްކަތުގެ ދަށުން ޖުމްލަ 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ތާރު އަޅައި ނިމުމުން، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މީގެ ކުރިން ވަނީ ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި ޢާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސެގްމަންޓް 1 ގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމަތީގެ ސަރަޙައްދު ހިމެނޭ ސެގްމަންޓް 2 ގެ މަސައްކަތެވެ.
ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމުން، މަޝްރޫޢުގެ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ.



