އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުޤީޤުތައް އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފު އަމުރުކުރައްވައިފިއެވެ.
ޕީޖީން މިފަދައިން މިއަދު އަމުރުކުރައްވާފައި މިވަނީ، އޭސީސީގެ ތަހުޤީޤުތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުދާކަމުގެ ޝަކުވާތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
އެގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު އަމުރެއްގައި ބުނެފައިވަނީ ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތައް ހިމެނޭހެން އޭސީސީގެ ތަހުޤީޤުތައް ލަސްވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި ދައުލަތަށް ގެއްލޭ ފައިސާ ހޯދުމުގައާއި އާންމު ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތަށް އުނިކަން އަންނަކަން ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން އޭސީސީން ތަހުޤީޤުކުރާ އެންމެހައި ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ޕީޖީ އައްބާސް ވަނީ އަމުރުކުރައްވައިފައެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕީޖީ އައްބާސްގެ އަމުރުގައި އޭސީސީން ތަހުޤީޤުކުރަމުންދާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި ކޮވިޑުގެ ދުވަސްވަރު ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލައާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅުންހުރި މައްސަލަތައް ފަދަ މާލިއްޔަތާއި ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުޤީޤު އަވަހަށް ހިންގައި، އިރުޝާދާ އެއްގޮތަށް ޕީޖީއަށް ހުށަހަޅަން އަމުރުކުރައްވާފައިވާ ކަމަށެވެ.



