ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ގުޅުމަކީ އިހުތިރާމާ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ދުރުޕަތީ މުރުމޫ އަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ފޮނުއްވަމުން ”އެކްސް“ މެދުވެރިކޮށް ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އިންޑިއާއާއެކު އޮންނަ ގުޅުން އަބަދުވެސް ރާއްޖެއިން ބަލައިގަންނަ ކަމަށާއި އެ ގުޅުމުގެ އަގުވަޒަން ކުރައްވާ ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާއަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ދެ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދެ ޤައުމަށް މަންފާވާ ގޮތަށް މިހާރަށް ވުރެ ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވީ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑަމީސްކޮށް މީސްމީޑިއާގައި ބަސް ބުނުމުންނެވެ. އެކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ވެސް މަދުވެ، އެ ޤައުމުގެ ވަރަށް ގިނަ ތަރިން ހިމެނޭހެން ރާއްޖެ ބޯއިކޮޓްވެސް ކުރިއެވެ.
ނަމަވެސް މި ސަރުކާރުން ވަނީ އެބޭފުޅުން ސަސްޕެންޑުކޮށް މިސާލު ދައްކައި، އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ދަމަހައްޓައި އިތުރަށް ވަރުގަދަ ކޮށްފައެވެ.


