ފިޒިއޯ ކްލިނިކްއިން ވަރަށް ޚާއްސަ ސައިންސް ފެއަރ އެއް އިއްޔެ ބާއްވައިފިއެވެ.
ގާތްގަނޑަކަށް 300 އެއްހާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތެރަޕީ ނަގަމުންދާ އެ ކްލިނިކަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ނަން މަޝްހޫރު އެއް ތެރަޕީ ސެންޓަރެވެ. އެ ކްލިނިކްއިން ދޭ ތެރަޕީތަކުގެ ތެރޭގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ހިމެނެއެވެ. މީގެއިތުރުން އެތަނުގައި ކުދިންގެ ސައިކޮލޮޖިކަލް އެސެސްމަންޓު ހަދައިދިނުމުގެ އިތުރުން ކުދިންނާއި ބެލެނިވެރިންނަށް ވެސް ބޭނުންވާ ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ފިޒިއޯ ތެރަޕީ ވެސް ދެއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީ ދިނުމަށް ޚާއްސަ ކުރެވިފައިވާ ފިޒިއޯ ކްލިނިކްއިން ފަހަކަށް އައިސް ގެންދަނީ ތަފާތު އެކި ހަރަކާތްތަށް ބާއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެ ކްލިނިކްއިން ބޭއްވި ”ކަލްޗުރަލް ޑޭ“ އާއި ”ސްޕޯޓްސް ޑޭ“ ފާހަގަ ކޮށްލެވެއެވެ. މީގެއިތުރުން އިއްޔެ ފިޒިއޯ ކްލިނިކްއިން ވަނީ ”ސައިންސް ފެއަރ“ އެއް ވެސް ބާއްވާފައެވެ.

ތެރަޕިސްޓުންނާއި ބެލެނިވެރިންގެ ވެސް އެހީތެރިކަމާއެކު އެ ފެއަރ ގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތައްޔާރުކޮށްފައިވާ ތަފާތު އެތައް އުފެއްދުންތަކެއް ދައްކާލާފައިވެއެވެ. އެގޮތުން ސައިންސް މައުޟޫއާ ގުޅުންހުރި އެކިއެކި މައުޟޫތަކަށް ބިނާކޮށްފައިވާ ތަކެއްޗާއި، ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ އުފެއްދުންތަކެއް ވެސް ދައްކާލާފައިވެއެވެ.
ސައިންސް ފެއަރ ގައި ކުދިން ހުށަހަޅައިދީފައިވާ އުފެއްދުންތަކުގެ ތެރޭގައި ދިރުން ހުންނަ ތަކެއްޗާއި ދިރުން ނުހުންނަ ތަކެތި، ސިއްޙަތަށް ފައިދާހުރި ކާނާ އާއި ގެއްލުންދޭ ކާނާ، ޖައްވުގައި ހިމެނޭ އިތުރު ދުނިޔެތައް، ވާރޭފެން ނަގާނެ ގޮތް، ކޮކާތަކުގެ ލައިފް ސައިކްލް، ރާއްޖޭގެ ރަށްތައް، ހަށިގަނޑުގެ ގުނަވަންތައް ކިޔައިދިނުން، ރާއްޖޭގައި ބޭނުންކުރާ ބައެއް ތަކެތި އަދި އަތިރިމަތިން ފެންނަ ބައެއް ތަކެތި ދައްކުވައިދޭ ހުށަހެޅުންތައް ވެސް ދައްކައިދީފައިވެއެވެ. މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވީ ކުދިންވަނީ، އެކުދިން އުފެއްދި ތަކެއްޗާ ބެހޭގޮތުން ބެލެނިވެރިންނަށް، އެކުދިންގެ އަމިއްލަ ނަޒަރުން އެ އުފެއްދުންތަކާ ގުޅޭގޮތުން މައުލޫމާތު ވެސް ހިއްސާ ކޮށްފައެވެ.

ސައިންސް ފެއަރ އާ ބެހޭގޮތުން މި ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ތެރަޕިސްޓެއް ކަމަށްވާ ލިންޓާ ޖޯޖް ބުނީ، މިފަދަ ފެއަރ އެއް ބާއްވަން ގަސްދުކުރި އެންމެ މައިގަނޑު އެއް މަޤްސަދަކީ ކުދިން ޝައުޤުވެރިވާނެފަދަ ތަފާތު ގޮތްގޮތަށް، އެކި ކަންތައްތަކާ ބެހޭގޮތުން އެކުދިންނަށް ކަންކަން ދަސްކޮށްދިނުން ކަމަށެވެ.

”ހުރިހާ ކުދިންވެސް ވަރަށް ޝައުޤުވެރިކަމާއެކީ މިހަރަކާތުގައި ބައިވެރިވި. އަހަރުމެން ބޭނުންވީ ކުދިންގެ ހުނަރާއެކީ، ތަފާތު އުފެއްދުންތައް ހަދައި، އަދި އެ ތަކެތި ހެދުމުގެ ތެރޭގައި، އެތަކެއްޗާ ބެހޭގޮތުން ކުދިންގެ މައުލޫމާތު އިތުރަށް މުއްސަނދިކުރަން. މިއީ ވެސް އެކުދިންނަށް ދެވޭ އިތުރު ތަޢުލީމެއް“ ލިންޓާ ބުންޏެވެ.

ސައިންސް ފެއަރ އަށް ތައްޔާރުވުމަށްޓަކައި މުޅިއަކު އެއްމަސް ދުވަސް ހޭދަވި ކަމަށް ލިންޓާ ބުންޏެވެ. ނަމަވެސް މި ފެއަރ އަށް ތައްޔާރުވާން ކުރި ހުރިހާ މަސައްކަތެއްގައި ފިޒިއޯ ކްލިނިކްގެ މެނޭޖްމަންޓާއި، މުވައްޒަފުން، ތެރަޕީ ނަގަން އެތަނަށްދާ ކުދިންގެ އިތުރުން ބެލެނިވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު ހިތްވަރާ އެހީތެރިކަމެއް ލިބުނުކަން ލިންޓާ ފާހަގަ ކުރިއެވެ.

މިފަދަ ބޮޑު ހަރަކާތެއް ފިޒިއޯ ކްލިނިކުން ހިންގުމުން، މިކަމާމެދު ބެލެނިވެރިންގެ ޝުޢޫރުތަކަކީ ކޮބައިތޯވެސް ބަލައިލީމެވެ.
”އަސްލު ވަރަށް ކްރިއޭޓިވް ކުދިން ހަދާފައި ހުރި މަސައްކަތްތަށް. ކަވި މަސައްކަތްތަކެއް ހުރީ ކޮށްފަ. ހަމަ ވަރަށް ފުރިހަމައޭ ބުނެވޭނީ. ދެން އެކުދިން އުފެއްދި ތަކެއްޗާ ބެހޭގޮތުން ދިން މައުލޫމާތު ވެސް އެކުދިންނާ ބަލާފަ ވަރަށް ރަނގަޅުކަން ފާހަގަ ކޮށްލެވޭ“ ބެލެނިވެރިއަކު ފީޑްބެކް ދީފައިވެއެވެ.

”އަލްޙަދުލިﷲ ވަރަށް ހިތްހަމަޖެހޭ. މިކަހަލަ ހަރަކާތްތަށް ގިނަ ގިނައިން ބާއްވާނަމަ ކުއްޖާއަށް ވެސް އޭތި އިހުސާސްވެ، އެކަމަށް ތައްޔާރުވެސް ވެވޭނެ. އެއްޗެހި ރީތިވެ އެނގެންވެސް ފަށާނެ. ފޮތުން އެނގުމަށްވުރެ މިގޮތަށް ކަންކަމުގައި އުޅުނީމަ ބޮޑަށް ކުއްޖާގެ ސިކުނޑިއަށް ވެސް ނަގައިގަނެވޭނެ ކަމަށް ޤަބޫލު ކުރެވޭ“ އިތުރު ބެލެނިވެރިއަކު ބުނެފައިވެއެވެ.
އެހެން ބެލެނިވެރިއަކު ބުނިގޮތުގައި މިފަދަ ހަރަކާތްތަށް ބޭއްވުމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިތުރުން އެހެން ކުދިންނަށްވެސް ނުހަނު ބޭނުންތެރި ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާގެ މައުލޫމާތު މުއްސަނދިވެ، ހޭލުންތެރި ވާނެ ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.

ބެލެނިވެރިން އެންމެ ބޮޑަށް ފާހަގަ ކުރަމުންދާ އެއްކަމަކީ، ސްކޫލްތަކުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މިފަދަ ކަންކަމުގައި ގިނަ ފަހަރަށް ބައިވެރި ނުކޮށް ބާކީ ކުރާކަމުގެ ކަންބޮޑުވުމެވެ. ނަމަވެސް ފިޒިއޯ ކްލިނިކުން މިފަދަ ހަރަކާތްތަށް އެކުދިންނަށްޓަކައި ބާއްވާ، ޝައުޤުވެރި މިފަދަ ކަންކަމުގައި ބައިވެރިކުރުވާ ކަމަށްޓަކައި ބެލެނިވެރިން ވަނީ އެ ކްލިނިކަށް ނިހާޔަތަށް ޝުކުރު އަދާ ކޮށްފައެވެ.



